މި ފޮޓޯ ސްޓޯރީ ޚާއްސަކޮށްފައި މިވަނީ ދިވެހި ބޭސްވެރިކަމުގައި 50 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ޚިދުމަތްތެރިއަކަށެވެ. މިއީ ނ. ތޮޅެންދޫއަށް އުފަން ޙަސަން ޤާސިމްގެ ވާހަކައެވެ. އޭނާއަށްވަނީ ދިވެހިބޭސްވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު 1990 ވަނަ އަހަރު އަދި ޞިއްޙީ ދާއިރާއިން ދިވެހި ބޭސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2010 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އުމުރުން 87 އަހަރުގެ ޤާސިމްބެއަކީ އަދިވެސް މި މަސައްކަތުގައި އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއްނެތި ހަރަކާތްތެރިވަމުންދާ ނަމޫނާ ޚިދުމަތްތެރިއެކެވެ. އަޅުގަނޑާއިއެކު މި ފޮޓޯ ސްޓޯރީ ހެދުމުގައި ބައިވެރިވަފައިވަނީ ރިޟްވާން، އަކްރަމް އަދި ކުޑޫއެވެ
![]() |
ޙަސަން ޤާސިމް އޭނާގެ އަންހެނުން ޙައްވާ ޢަލީއާއެކު.
ދެމަފިރިންގެ ކައިވެންޏަށް 57 އަހަރު ވަނީ ވެފައި. މި ދެމަފިރިންގެ 7 ދަރިން
އެބަތިބި. ޤާސިމްބެގެ މަސައްކަތުގައި އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އަންހެނުން
ކަމަށް ބުނޭ. |
![]() |
ޤާސިމްބެގެ ބައެއް ކާމިޔާބީތައް ދައްކުވައިދޭ ފޮޓޯތަކަކާއި ސެޓިފިކެޓްތައް. ދިވެހި ބޭސްވެރިކަމުގެ ތެރެއަށް ޤާސިމްބެއަށް ވަދެވުނީ 1963 ގައި. މި ދާއިރާއިން 1990 ގައި ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަދި 2010 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވަނީ ހާޞިލްކުރައްވާފައި |
![]() |
ޤާސިމްބެގެ މަސައްކަތުގެ ބައެއް ވާހަކަތަކާއި ހަނދާންތައް ގްރޫޕުގެ ބައެއް މެންބަރުންނަށް ކިޔައިދެނީ. ބޭސްވެރިކަމުގެ މަސައްކަތް ޤާސިމްބެ ފެށީ އުފަން ރަށް ތޮޅެންދޫ. އެ ހަރަޙައްދުގެ އަތޮޅުތަކުގެ ރަށްރަށުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޤާސިމްބެ ކައިރިއަށް ފަރުވާ ހޯދަން އާދޭ. އޭރު ޚިދުމަތްދެމުންދިޔައީ އެއްވެސް އަގަކާ ނުލާ. |
ޤާސިމްބެގެ މަސައްކަތުގެ ތެރެއިން އެންމެ
ފާހަގަކުރެވުނު އެއްކަމަކީ ބޭސްވެރިކަމުގައި ބޭނުންކުރާ އެކި ބޭސްތަކުގެ
ރެސިޕީއާއި އެކި ބަލިތަކުގެ މަޢުލޫމާތު އަމިއްލަ އަތުން ލިޔެ ރައްކާކޮށްފައި
ހުރުން. މީގެ ތެރެއިން ބައެއް ލިޔުންތަކަށް ވެސް މިހާރު ބައި ޤަރުނު ވެދާނެ. |
![]() |
ޤާސިމްބެ ބޮޑަށް މަޝްހޫރުވެފައިވަނީ ރުއްގަލު ބޭހަށް. އެހެންނަމަވެސް ލޮލުބޭސް ފިޔަވައި އެހެން ހުރިހާ ބައްޔަކަށްވެސް ބޭސްކުރޭ. ބައެއްކަހަލަ ބަލިތަކަށް ފަރުވާކުރުމަކީ ފެންބޮއިފައި ވަޔެއްލުންފަދަ ފަސޭހަކަމެއްގެ ގުތުގައި ޤާސިމްބެ ދެކޭ. |
![]() |
ދިވެހިބޭސް ތައްޔާރުކުރުމަށް
ޤާސިމްބެ ބޭނުންކުރާ ބައެއް ސާމާނު. ފޮޓޯއިން ތިޔަ ފެންނަ ތަކެތީގެ ތެރޭގައި
ކޮލިޒާން، ހުނގު، ބުރޮޅި، ގަލުހޮޅި، ވަގުދަތް، ވޭމުއި އަދި ބިހާރަކަ ހިމެނޭ.
ބައެއް ސާމާނު ހޯދަން ކުޑަކޮށް ދަތިވިނަމަވެސް ރައްކާކޮށްފައި ހުންނާތީ މާބޮޑު އުނދަގުލެއް
ކުރިމަތިނުވާ ކަމަށް ޤާސިމްބެ ބުނޭ. |
![]() |
ބޭސްގަނޑު ތައްޔާރުކުރުމަށް
ޤާސިމްބެ ބޭނުންކުރާ ބައެއް ސާމާނު. ފޮޓޯއިން ތިޔަ ފެންނަނީ ބައެއް ސާމާނު ގޭނުމަށް
ބޭނުންކުރާ ބޮޑު އޮޑިހަނަކާއި، ބޭސް ހޭކުމުގައި ބޭނުންކުރާ ބައެއް އާލާތްތައް. |
![]() |
ދިވެހިބޭސް ތައްޔާރުކުރުމަށް
ޤާސިމްބެ ބޭނުންކުރާ ފޮތްތަކާއި، ބޭހަށް ބޭނުންވާ ސާމާނު އަދި ބޭސް ރައްކާކޮށްފައި
ބެހެއްޓުމަށް ޤާސިމްބެގެ ކޮޓަރީގައި ބަހައްޓާފައި ހުރި ކަބަޑުގެ ފޮޓޯއެއް. |
![]() |
ޤާސިމްބެ ވަނީ ސަރުކާރަށް 30
އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައި. ތޮޅެންދޫގެ ވެރިކަމުގެ
މަޤާމުގައި ޚިދުމަތްކުރައްވައި، ތޮޅެންދޫ މުދިންކަމާއި ކަތީބުކަންވެސް ކޮށްފައިވޭ.
އަދި އަތޮޅުވެރިޔާގެ ބަދަލުކަމާއި، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިކަމުގެ މަޤާމުވެސް
ފުރުއްވާފައިވޭ. |
![]() |
ޤާސިމްބެ ވާހަކަތަކުން ބުނެދެނީ
އޭނާގެ ހިތުގައި ދިވެހި ބޭސްވެރިކަމަށާއި، ނިކަމެތިންނަށް އެހީވުމަށް އޮތް ޝައުގު.
އުމުރުގެ ބޮޑުބައި ހޭދަކުރީ ހިލޭ ސާބަހަށް މިކަން ކޮށްދިނުމުގައި. |